ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ވަކިވަކިން ތަޢުލީމީ މުއައްސަސާތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަންތައް އުފެއްދުމަކީ ތަރުޙީބުދޭނެ ކަމެއް ނޫން ކަމަށާއި، އިސްކަންދަރު ސްކޫލުގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސްކޫލެއްގެ ނަމުގައި ޔޫނިއަނެއް މިދިޔަ ޖެނުއަރީ މަހު ދާޚިލީ ވުޒާރާގައި ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީކުރުމާ ގުޅޭ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހި ދައުލަތުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ މުއައްސަސާއެއްގެ ނަމަކާ އޮޅުން އަރާފާނެ ފަދަ ނަމެއް ޔޫނިއަނަކަށް ނުކިޔޭނެ ކަމަށެވެ. ސްކޫލްތަކަކީ އާންމު ކުންފުނިތަކާ ޚިލާފަށް ޚާއްޞަ ސިފަތަކަކާއި ހިފެހެއްޓުންތަކެއް ލިބިފައިވާ ތަންތަން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ވަޒީރު ވަނީ، އިސްކަންދަރު ސްކޫލުގެ ޓީޗަރުން އުފެއްދި ޔޫނިއަން ބަލައިނުގަންނާނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަންގަވާފައިވަނީ އެވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށްވެސް ހާމަކުރަށްވާފައެވެ. ވަޒީރު ވިދާޅުވީ އެކަން ކޮށްފައިވަނީ އެކަށީގެންވާ ވަރަށް ބަލައިލުމެއް ނެތި ކަމަށެވެ. އެހެންކަމުން އެ ޔޫނިއަން ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވުޒާރާއިން ނުދެކޭތީ، އެ މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ، ވަކިވަކި ސްކޫލްތަކުގެ ނަމުގައި ޔޫނިއަންތައް އުފައްދައިގެން ޓީޗަރުންގެ ތެރޭގައި ބައިބައިވުން އުފެއްދުމަކީ ސަރުކާރުން ތާއީދުކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް، ޓީޗަރުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އަބަދުވެސް ފުރުޞަތު ދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ސަރުކާރުން ޓީޗަރުންގެ ޙައްޤުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިހާރުވެސް ޓީޗަރުންނާ ގުޅޭ މައްސަލަތަކުގައި މުޢާމަލާތުކުރުމަށް ފުރިހަމަ ޕްލެޓްފޯމްތައް ޤާއިމުވެފައި ހުރިކަން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ފާހަގަކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު