ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
އެމްޑީޕީ ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް ހުއްޓާނުލައި، މިހާރުވެސް 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކުރިއަށް ގެންދާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ނާސްތާ ޕްރޮގްރާމްތައް ހިންގި ނަމަވެސް، ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދަންވާނީ ރާއްޖޭގެ މުޖުތަމައާއި އިގްތިސާދީ ހާލަތާ ގުޅޭގޮތަކަށް ކަމަށެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ނާސްތާ ޕްރޮގްރާމް ފެށިއިރު ހުރިހާ ކުދިންނަށް ނާސްތާ ދޭން ނިންމި ނަމަވެސް، ފަހުން އެ ސަރުކާރުން ވަނީ ހަމައެކަނި އެކަމަށް ބޭނުންވާ ދަރިވަރުންނަށް ނާސްތާ ދޭގޮތަށް އުސޫލު ބަދަލުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިސަރުކާރުންވެސް އެކަން އެގޮތަށް ކުރިއަށް ގެންދަވާ ކަމަށް ވަޒީރު އެއްބަސްވެ ވަޑައިގެންނެވިއެވެ.

"ކޮންމެ އަހަރެއް ފެއްޓޭއިރު ދެރަ ނިކަމެތި ކުދިން ދެނެގަނެ، އެ ރަށެއްގެ މަސްލަހަތުވެރިންނާ ވާހަކަ ދައްކައިގެން އެ ކުދިންނަށް ބޭނުންވާ ސަޕޯޓު ދެމުން." ވަޒީރު ވިދާޅުވިއެވެ.

މިހާރުވެސް 400 އަށްވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ހިންގާކަމަށް ޕީއެންސީ ސަރުކާރުގެ ތަޢުލީމާ ބެހޭ ވަޒީރު އިޢުތިރާފްވެ ވަޑައިގެންފައިވާއިރު، މީގެ ކުރިން ޕީއެންސީން ބުނަމުން ގޮސްފައިވަނީ އެ ޕްރޮގްރާމަކީ އެއްވެސް ބޭނުމެއްނެތް ބޭކާރު ޕްރޮގްރާމެއް ކަމަށެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ އެމްޑީޕީގެ ވައުދަކަށްވާއިރު، މި ޕްރޮގްރާމް ރަސްމީކޮށް ފެށީ 11 ޖޫން 2019 ގައެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން އެ މަސައްކަތް މެދުކެނޑުމަށް ފަހު އަލުން އެ ޕްރޮގްރާމް ފެށީ އެކަމަށް ކޮންމެހެން ބޭނުންވާ ދަރިވަރުން ދެނެގަތުމަށް ފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު