އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މަނާކޮށްފައިވާ 14 ބާވަތުގެ ތެރޭގައި ހިމެނޭ އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ.

އެގޮތަށް ނިއްމެވީ ރައީސް މުޢިއްޒު މިރޭ ނެރުއްވި ޤަރާރަކުންނެވެެ.

ރައީސް އޮފީހުން ބުނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވާފައި މިވަނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފައާ އެކު ކަމަށެވެ. އެގޮތުން ބަދަލު ގެންނަވާފައިވަނީ، އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށް ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އިސްލާހު ގެންނެވުމުގެ ކުރީން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް އެތެރެކުރުމާއި، އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައެޅީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް މި އިސްލާހާއެކު، އެ ތާރީޚު މިހާރު ވަނީ، 2027 ވަނަ އަހަރުގެ ޑިސެމްބަރު އެކަކަށް ފަސްކުރައްވާފައެވެ.

އަދި މި އިސްލާހު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް ނިންމަވާފައި ވަނީ، އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އެހެންނަމަވެސް އިސްލާހާއެކު މި ތާރީޚު ވަނީ، 2028 ވަނަ އަހަރުގެ ޖޫން އެކަކަށް ބަދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މަނާކޮށްފައިވާ 14 ބާވަތެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު