މަރްޔަމް ނަހްދާ ވަޙީދު   19 ނޮވެމްބަރު 2025 - 17:27
ބުޅަލެއް ފުރާޅެއްގެ މަތީގައި-
ބުޅަލެއް ފުރާޅެއްގެ މަތީގައި-
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއް ރަހުމާން ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމަށް ދެމެހެއްޓެނިވި އަދި ރައްކާތެރި އުޞޫލުތަކެއް ކަނޑައެޅުމެވެ.

މި ބިލުގައި، ޖަނަވާރުގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސްފަރުވާގެ އުޞޫލުތަކާއި، ޖަނަވާރު އެތެރެކުރުމާއި، އެ ތަކެތީގެ ބައިތަކާއި، ކާނާ އަދި ބޭސް އެތެރެކުރުމުގެ ޤަވާއިދުތައް ހިމަނާފައިވެއެވެ.

ބިލުގައި ބުނާ ގޮތުން ޖަނަވާރާ ގުޅޭ ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި ޖަނަވާރުގެ ރައްކާތެރިކަމުގެ ސިޔާސަތުތައް ކަނޑައަޅައި، ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރަށެވެ.

މީގެ އިތުރުން ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ހަދަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކުރެއެވެ.

ހަމައެއާައެކު ޖަނަވާރުތަކަށް އިހުމާލުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކެއް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ޖަނަވާރު މެދުވެރިކޮށް ބައްޔެއް ފެތުރިއްޖެނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގެންގުޅެ، ނުވަތަ ސާމްޕަލް އޮޅުވާލައިފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން ޖަނަވާރަށް އަނިޔާކުރުމާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަނަކަށް ދޫކޮށްލައިފިނަމަ 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު