މަސްވެރިން މާސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
މަސްވެރިން މާސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
މިފްކޯ އަށް ވުރެ ހެޔޮއަގުގައި ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ޑީސަލް ވިއްކަން ފަށައިފިއެވެ.

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެކުންފުނިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 7 ރުފިޔާ 10 ލާރި އަށް ކަމަށެވެ. މީގެކުރިން މަސްވެރިންނަށް ޑީސަލް ވިއްކަމުން ދިޔައީ ލީޓަރެއް 8 ރުފިޔާ 65 ލާރިއަށެވެ.

މިފްކޯއިންވެސް ވަނީ މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާ އަގު، 7 ރުފިޔާ 33 އަށް މީގެ ދެދުވަސް ކުރިން ދަށް ކޮށްފައެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ "ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދޯނިފަހަރަށް މިފްކޯއިން ޑީސަލް ލިޓަރެއް ވިއްކާއަގު ވަނީ 7 ރުފިޔާ 10 ލާރިއަށް ދަށްކޮށްފައެވެ. ހޮރައިޒަން ފިޝަރީޒުން ތެލުގެ އަގަށް ގެނައި ބަދަލާއެކު މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާ އަގަށްވުރެ 23 ލާރި މިވަނީ އަގު ހެޔޮވެފައެވެ.

މިފްކޯ އަށް ވުރެ ހެޔޮ އަގުގައި ހޮރައިޒަންއިން މަސްވެރިންނަށް ޑީސަލް ވިއްކުމަށް ނިންމި ނަމަވެސް، އެ ކުންފުނިން މިހާރު މަސް ގަންނަމުންދަނީ މިފްކޯއަށްވުރެ ދަށް އަގެއްގައެވެ. އެގޮތުން ހޮރައިޒަން އިން އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް ވަގުތުން ފައިސާ ދޭ ގޮތަށްނަމަ ގަންނަނީ 14 ރުފިޔާއަށެވެ. އަދި އައިސް ނާޅާނަމަ ގަންނަނީ 13 ރުފިޔާއަށެވެ. ނަމަވެސް އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި، ކަންނެލި ކިލޯއެއް މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް ގަންނަމުންދާނީ 18 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާއަށެވެ.

މިފްކޯއިން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 10 ރުފިޔާއަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ. ނަމަވެސް ހޮރައިޒަން އިން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނަނީ 5.50 އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން