ހުޅުމާލެ
ހުޅުމާލެ
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ހިލޭ ދިން ގޯތިތައް ދައުލަތަށް ނެގުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ގޮވާލައިފިއެވެ.

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ދިން 4000 ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުން ލަސްވާ މައްސަލާގައި މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ވާހަކަަދައްކަވަމުން ފަލާހު ވިދާޅުވީ މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެމްޑީޕީން ހިންގި ސްކީމަކީ މިހާތަނަށް ދައުލަތަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ގޯތި ދިނުމުގެ ނަމުގައި، އެމްޑީޕީ ސަރުކާރުން 1200 އަކަފޫޓުގެ ގޯތި ހިލޭ ދީފައިވާކަމަށެވެ. އަދި އެ ތަންތަން ދީފައި ހުރީ ވެސް އޭރުގެ އެމްޑީޕީ މެންބަރުންނާއި ވަޒީރުންނާއި ދައުލަތުގެ ކޮންމެވެސް އިސްވެރިއަކަށް ނުވަތަ އެ މީހުންގެ އާއިލާ މެންބަރުންނަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި އެ ގޯތިތައް ދިން އިރު ދަރި އާއި މައިންބަފައިންނަށް ގޯތި ލިބިފައި ހުރީ އެއް ތަނަކުން ކަމަށާއި، އެއީ މިހާތަނަށް ރާއްޖޭގައި ގޯތި ދިނުމަށް ނެގި ގުރުއަތެއްގައި ހެދި އެންމެ ބޮޑު ޖާދޫ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

ފަލާހު ވިދާޅުވީ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކުން މިހާތަނަށް ބެލިބެލުމުން، އެ ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން 13 ބިލިއަން ރުފިޔާއަށް އަރާ ކަން ހާމަވާ ކަމަށެވެ.

އެހެންކަމުން ހިލޭ ދީފައި ހުރި ގޯތިތަކަށް ބަދަލު ދިނުމަށްފަހު، އެ ގޯތިތަށް ދައުލަތަށް ނެގުމަށް ސަރުކާރަށް ގޮވާލާކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އޭރުން ދައުލަތަށްވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭން ކަނޑައަޅާފައިވާ ގޯތިތައް ދޫކޮށް ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު