މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ރައީސް ޑރ. މުހައްމަަދު މުއިއްޒު ވެރިކަމަށް ނުގެނައިނަމަ ރާއްޖޭގެ 2 ލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަން އޮތީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަށަވަރުކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ ސްކީމް" ދަށުން 2 ލައްކައެއްހާ ރައްތިތުންގެ ބޯހިޔާވަހިކަން ފަހިވާނެ މަގު އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު އޮންނާނީ ހަމަޖައްސައި ގެޒެޓުކުރެވިފައި ކަމަށެވެ.

މައުރޫފް ވިދާޅުވީ މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުން ކަމަށާއި، ރައީސް މުއިއްޒު ނުގެނައިނަމަ 2 ލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަން މިއަދު އޮންނާނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު، އެމްޑީޕީ ސަރުކާރުން ބިން ދޫކުރުމަށް ނިންމި ފަޅުތަކުން ނުހިއްކި އޮތީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، އަދި ފްލެޓު އަޅަން ހަވާލުކޮށްފައިހުރި ކުންފުނިތަކަށް ފައިސާ ހަމަޖައްސައިދީ ނިންމާފައި ވާނެކަން މައުރޫފް ވަނީ ފާހަަގަކުރައްވާފައެވެ.

އެހެންނަމަވެސް އެގޮތަށް އެކަން ނިމިފައި ނުވަނީ މި ސަރުކާރުގެ ނާގާބިލު ކަމުން، އަދި ދިވެހި ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަމަކަށްވާތީވެ އެކަން ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ބޭނުންނުވާތީ ކަމަށް މައުރޫފް ވަނީ ވިދާޅުވިއެވެ.

"އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަމަކަށްވާތީވެ ރައްޔިތުންނަށް އެކަން ކޮށްނުދޭންވެގެން ތިމައްނާ މާ މޮޅު ކަމެއް ކުރާނަމޭ ހިތު އަޅައިގެން ފުށިދިއްގަރު ފަޅު، މިތާ ބޮޑު ކަނޑެއް ހުރަސްކޮށް އެހެން ދިމާލެއްގައި ހުރި ފަޅެއް ހިއްކަން ފެށީ، 600 އެތައް މިލިއަން ޑޮލަރެއް އެތަނަށް ހަރަދުކޮށްގެން" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދީ ހާލަތަށް މިވަގުތު ބަލާއިރު، އަދި ދަރަނީގެ ނިސްބަތަށް މިވަގުތު ބަލާއިރު، އެއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރިން ފަށާފައިވާ މަޝްރޫޢުތައް 300 މިލިއަނެއްހާ ޑޮލަރަށް ނިންމެން އޮތްވާ، އެކަން ބޮލާލާ ޖަހައި 600 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިންގުމުގެ ނަމުގައި ސަރުކާރުން މިއަދު މިދަނީ ބޮޑު ޖަރީމާއެއް، "ސްކޭމެއް" ހިންގަމުން ކަމަށެވެ.

"އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގުޅީ ފަޅާ، އުތުރިތިލަފަޅާ، ގިރާވަރު ފަޅު، ހުޅުމާލެ ފޭސް 3 ހިއްކައި އެ ސަރަހައްދުތަކުގެ މަގު ހަދައި، އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށްޓަަކައި، ފެނާއި ނަރުދަމާ އަޅައި މިކަންކަން ގާއިމް ކުރުމަށްޓަކައި ބޭނުންވަނީ ގާތްގަނޑަކަށް 300 މިލިއަނެއްހާ ޑޮލަރު. 300 މިލިއަނެއްހާ ޑޮލަރުން ދިވެހި ރައްޔިތުންގެ އެތައް ހާސް ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވި، އުފާވެރި ދިރިއުޅުމެއް މަގުފަހިވެވެން ފުރުސަތު އޮތް" މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ ދިވެހި ރައްޔިތުންނަކަށް މިއަށްވުރެ ބޮޑު ކަމެއް ކުރިމަތިނުވާނެ ކަމަށާއި، މި ސަރުކާރު ނައިނަމަ މި ހުރިހާ ބޯހިޔާވަހިކަމެއް ހުންނާނީ ރައްޔިތުންނަށް ލިބިފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު