ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް، ބައްސާމް ޢަދީލް ޖަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް، ބައްސާމް ޢަދީލް ޖަލީލް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުުހުމަތު ކުރެވޭ މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލް 4 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ދައުލަތުން ކޮށްފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން، 10،000 ޑޮލަރު ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައެވެ.

މައްސައިގެ ޙުކުމް މިއަދު އިއްވަވަމުން ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ހެކިތަކުންނާއި، ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ލިބިފައި ނުވާކަމަށް ޤާޟީ ވިދާޅުވިއެވެ.

އޭގެއިތުރުން ބައްސާމްގެ އަމިއްލަ ކަންކަމަށް އެފައިސާ ބޭނުންކޮށްފައިވާތީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ޤާޟީ މިއަދު ކަނޑައެޅުއްވިއެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް، ފުޓްބޯޅަ ކުރިއެރުވުމަށް އެކި ފަރާތްތަކުން ރާއްޖެއަށް ދިން ފައިސާ އެފްއޭއެމްގެ ރައީސް ފަދަ ޒިންމާދާރު މަޤާމެއްގައި ހުންނަވައިގެން އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާތީ ބައްސާމަށް އެންމެ ބޮޑު އަދަބެއް ދިނުމަށް ޤާޟީ ނިންމެވިއެވެ. އެހެންވެ، ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރެއްވީ ކަމަށް ޤާޟީ ޝަފީއު ވިދާޅުވިއެވެ.

މި މައްސަލާގައި މަނީ ލޯންޑްރިންގެ ދައުވާއެއް ހިމެނުނަށް އެމައްސަލާގެ ހުކުމް މިއަދު އިއްވާފައެއް ނުވެއެވެ.

އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށްބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެއެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.



ކިޔުންތެރިންގެ ހިޔާލު