މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ
އާދައިގެ ހީއަކަށް މީހުން ބަންދު ކުރަން ފަށައިފިނަމަ އެއީ ވަރަށް ބިރުބޮޑު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ފިލައިގެން އުޅުމަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީބުގެ އަންހެނުން ހައްޔަރުން ދޫކޮށްލުމަށްފަހު ފުލުހުން ބުނެފައިވަނީ، ޝަހީބު، ފުލުހުންނަށް ފިލައިގެން އުޅެން އެހީތެރިވެފައިވަނީ އޭނާގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޝަހީބުގެ އަންހެނުން ދޫކޮށްލިއަސް، ޝަހީބު ފިލައިގެން އުޅުމަށް އެހީތެރިތެދިނުމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އިންތި ވިދާޅުވީ، ވަކިއަތަކަށް ބުރަވެހުރެ، އެކަށިގެންވާ ހެކި ނެތި އާދައިގެ ހީއަކަށް ބިނާކޮށް މީހުން ހައްޔަރުކުރަން ފެށުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"މިއީ ޕްރެޖުޑިސްޑްކޮށް ނުވަތަ އާދައިގެ ހީއަކަށް ކުރަންފަށައިފި ކަމަކަށް ވެއްޖެނަމަ ވަރަށް ބިރުބޮޑު ކަމެއް!" އިންތި ވިދާޅުވިއެވެ.

އޭގެ އިތުރުން އިންތި ވިދާޅުވީ، ޝަހީބުގެ އަނބިމީހާ ހައްޔަރު ކުރުމުގައި އެކަށީގެންވާ ހެކި ހުރިތޯ ޤާނޫނީ ދާއިރާގެ އެންމެން ވަރަށް ފަރުވާތެރިކަމާއެކު ބަލަންޖެހޭ ކަމަށެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު، ޝަހީބުގެ އަންހެނުން ހައްޔަރުކުރުމާއެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފައެވެ. އަދި އައިޝަތު ވަހީދާ ވެސް ވަނީ ބަންދުން ދޫކޮށްލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު