ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ނިޒާމު އޮތްގޮތުން ޖުޑީޝަރީއަށް ލިބޭ ނިކަމެތިކަން އަންނަ އަހަރުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓަވައި، ޖުޑީޝަރީ މިނިވަން ކުރެއްވުމަށް މަސައްކަތްޕުޅުތަކެއް ކުރަށްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ނިޒާމު އޮތް ގޮތުން ޖުޑީޝަރީއަށް ނިކަމެތިކަމެއް ލިބޭ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް 2026 ވަނަ އަހަރުން ފަށައިގެން ބަޖެޓަށް ގެންނަވާ ބަދަލާއެކު ޖުޑީޝަރީ މިނިވަންވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައަޅުއްވައި، ބްލޮކް ގްރާންޓް އުސޫލުން ފައިސާ ދޫކުރަން ފެއްޓެވުމުން، ޖުޑީޝަރީ ހިންގުމަށް ބޮޑު މިނިވަންކަމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާވަރުގެ ބޮޑު ޕަސެންޓެއް މިކަމަށް ކަނޑައަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭބޭފުޅުންނާއި މަޖިލީސް މެންބަރުކަން ކުރައްވާފައިވާ ބޭބޭފުޅުންނަށް ދެވޭ އިނާޔަތްތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުުން މިހާރު ދެވެމުން ދަނީ ބޮޑު އިނާޔަތެއް ކަމަށާއި، ނަމަވެސް އެއީ ޤައުމުގެ ޙާލަތަށް ރިޢާޔަތް ކުރައްވައިގެން ދެވޭ އިނާޔަތްތަކަކަށް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ރައްޔިތުންނާ ގުޅިފައިވާ ވިޔަފާރީގެ ކަންކަމުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ހަރަކާތްތެރިވާ އުސޫލުތަކަށް ގެންނެވި ބަދަލުތަކާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފްސީލީ ގޮތެއްގައި މިއަދު ވާހަކަފުޅުދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު