މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް (ނަފާ ނަސީމް)
ދިވެހި ފުލުހުންނަކީ ވެރިން ރުއްސަން އަބަދުވެސް ގާނޫނު މުގުރާ ބައެއް ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކުރިއިރު އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށްބުނާﷲ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ހުސައިން ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނެގި ކަމުގެ ތުހުމަތުގައެވެ. ހުސައިންގެ ވަކީލު އެރޭ ވިދާޅުވީ އޭނާ ހައްޔަރުކުރި ވަގުތު އަނިޔާކުރިކަމުގެ މައުލޫމާތު ލިބޭތީ އޭނާއާ ވަގުތުން ބައްދަލުކުރުމަށް އެދުމުން އެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުނިކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ނަސީމް ވިދާޅުވީ ފުލުހުންނަކީ އަބަދުވެސް ވެރިންރުއްސަން ގާނޫނުމުގުރާ، ދޮގުހަދާ، އޮޅުވާލާ ބައެއް ކަމަށެވެ.

އަދި ފުލުހުންގެ ސިޔާސީ އެޓިޓިއުޑްގެ ސަބަބުން ރައްޔިތުންނަށް ނުހައްގުއަނިޔާލިބި، ވެރިންނަށް ކުށްކުރަންށާއި އަނިޔާވެރިވުމަށް ފުރުސަތު ލިބޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުންގެ މި 'ބޭއަދަބީ' ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު