2025 ވަނަ އަހަރުގެ ނަޞްރުގެ ދުވަސް ފާހަކުރުމުގެ ތެރެއިން
2025 ވަނަ އަހަރުގެ ނަޞްރުގެ ދުވަސް ފާހަކުރުމުގެ ތެރެއިން
އެމްއެންޑީއެފް އިން މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތްތަކަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލައިގެ ތެރޭގައި ޝަހީދުވި ދިވެހި ދަރިންގެ ހަނދާން އާކޮށް، ދިވެހި ދައުލަތަށްޓަކައި ސިފައިންނާއި ރައްޔިތުން ކޮށްފައިވާ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި އަހަރުގެ ނަސްރުގެ ދުވަހުގެ ޚާއްސަ ހަރަކާތްތައް ފެށިގެންދާނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުންނެވެ. މި ނަމާދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ މިސްކިތުގައެވެ.

ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ނޮވެންބަރު 3 ވަނަ ދުވަހުގެ ހަނދާނީ ބިނާ (ނޮވެންބަރު ތިނެއްގެ ބިނާ) ކައިރީގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ގާޑް މައުންޓް ކުރުމުގެ ޚާއްސަ ހަފްލާއެއް އޮންނާނެއެވެ. މީގެ އިތުރުން، އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހުށަހެޅުމަކީ ސިފައިންގެ ތަފާތު ބައިތަކުގެ ހުނަރާއި ގާބިލިއްޔަތު ދައްކުވައިދޭނެ ހުށަހެޅުމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނޮވެންބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ޤައުމީ ލަވަ އަލްބަމެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި އަލްބަމުގައި ހިމެނޭނީ ދިވެހި ޤައުމީ ރޫޙާއި، ގައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ސިފަކޮށްދޭ ލަވަތަކެއް ކަމަށް ބެލެވެއެވެ.

މާލެ ފިޔަވައި، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި، ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުތަކާއި، ނަޞްރުގެ ދުވަހުގެ ދުވުން (ވިކްޓަރީ ޑޭ ރަން) ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ މަޤްސަދަކީ ސިފައިންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، ޤައުމީ ރޫޙު އާލާކުރުމެވެ.

ޚާއްސަ ސަމާލުކަމެއް ދީގެން، 1988 ވަނަ އަހަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ދެ ބަޠަލުންނާ ގުޅުންހުރި ދެ ރަށެއްގައި ވެސް އެމްއެންޑީއެފުން މި އަހަރު ޚާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވެއެވެ. މިގޮތުން، ހއ. ދިއްދޫ އާއި، ހއ. ބާރަށުގައި ސިފައިންގެ ފޮޓޯ މައުރަޒަކާއި، އަސްކަރީ ހުށަހެޅުމަކާއި، ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހއ. ދިއްދޫ އަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް އުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. މި ރަށުގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14 ވަނަ ދުވަހުއެވެ. ހަމަ އެފަދައިން، ހއ. ބާރަށަކީ 3 ނޮވެންބަރު 1988 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ބާރަށު، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ. މި ރަށުގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21 ވަނަ ދުވަހުއެވެ.

މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ ޤައުމީ ބަޠަލުންގެ ހަނދާން އާކޮށް، އެ ބޭފުޅުންގެ ޤުރުބާނީގެ ފިލާވަޅު އާއްމު ރައްޔިތުންނާއި ޚާއްސަކޮށް ޒުވާން ޖީލަށް ދަސްކޮށްދިނުމެވެ. އެމްއެންޑީއެފުން މި ދުވަހުގެ މުނާސަބަތުގައި ރާވާފައިވާ ހަރަކާތްތަކުން ދިވެހި ޤައުމީ ރޫޙު އާލާވެ، ޤައުމީ ދިފާޢީ ބާރަށް ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް