ހައްޔަރުކުރި 3 ޒުވާނުން
ހައްޔަރުކުރި 3 ޒުވާނުން
މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ޒުވާނުންގެ ފޮޓޯ ފުލުހުން މިއަދު އާއްމުކޮށްފިއެވެ.

ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލެއިން 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދުކުރީ އިއްޔެއެވެ.

އެގޮތުން، ހައްޔަރުކުރި މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައިވަނީ އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައި ކަމަށެވެ.

ނަމަވެސް އެ ތިން މީހުންވެސް ދިފާއުގައި ބުނެފައިވަނީ، އެ ފެނުނު ދެ ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫން ކަމަށެވެ. އެކަމަކު ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަން ބެލެވެން ނެތްކަމަށް ކޯޓު އަމުރުގައި ވަނީ ކަނޑައަޅާފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަކީ އިބްރާހީމް ޒައިދާން (22އ) / މއ. މޯނިންވިއު، މާލެ އާއި، މުހައްމަދު ޝިދާދު (22އ) / ބަށިމާގެ، ލ. މާބައިދޫ އާއި، އަހްމަދު ނަވާޒް (30އ) / މއ. މޯނިންވިއު، މާލެ އެވެ.

މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި މި ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަލަށް އެކުލަވާލެވުނު ގާނޫނުގައި ގޭންގްތަކާއި ގޭންގްތަކުން ހިންގާ ކުށްތަކަށާއި އެހެނިހެން ނުރައްކާތެރި ކުށްތަކަށް ކުރިއަށްވުރެ ބޮޑަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް