މިއީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (ދަރަވަންދޫގޭ ޙުސައިން ދީދީ) ގެ އަތުލިޔުމުން އޮތް، السِيْرَة النَبَوِيَّة (ކީރިތި ރަސޫލާގެ ސިޔަރަތު) އެވެ. މި ފޮތަކީ ހިޖުރައިން 1364 (މީލާދީން 1945) ގެ ތެރޭގައި އެމަނިކުފާނު ދައުލަތުގެ ކުތުބުޚާނާއަށް ހަދިޔާކުރެއްވި ފޮތެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ފޮތުގެ މުޤައްދިއްމާއިން އެއް ގަނޑު ވަނީ ފޮތުން ވަކިވެ ބުރިބުރިވެފައެވެ. މި ފޮތް ލިޔުއްވާފައިވަނީ 6 (ހަޔެއް) ބަޔަކަށް ބައްސަވާލައްވައިގެންނެވެ.



ލިޔުއްވަން ފެއްޓެވި ތާރީޚަކަށް ފަހު ބައިގައި ލިޔުއްވާފައި އޮތީ ހިޖުރައިން 1347 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހު 19 ވަނަ ދުވަހެވެ. އެއީ މީލާދީން 29 އޭޕްރީލް 1929 އެވެ. ‏ފޮތް އެއްކޮށް ނިމުނީ ހިޖުރައިން 1354 ގެ ޞަފަރު މަހުގެ 2 ވީ ހޯމަވިލޭރޭގައެވެ. އެއީ މީލާދީން 1935 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހެވެ.



ފޮތުގެ ފަސް ވަނަ ބައިގެ 218 ވަނަ ޞަފްޙާއިން ފެށިގެން އެބައި ނިމެންދެން އަތުން ލިޔުއްވީ ހިމިތީ އިސްމާޢީލް ކަލޭގެފާނުންގެ ފުތް މުޙައްމަދު ކަލޭގެފާނު ކަމަށް ލިޔުއްވާފައި ވެއެވެ. ބާކީ ހުރި ހުރިހާ ބައެއް ލިޔުއްވީ ޚުދު ޙުސައިން ޞަލާޙުއްދީންގެ އަމިއްލަ އަތުންނެވެ.



ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތު ޗާޕުކުރީ، ފޮތް 3 ބަޔަކަށް ބައިކުރައްވައިގެންނެވެ. މި 3 ބައިގައި ވަނީ އެކު ޖުމުލަ 1654 ޞަފުޙާއެވެ. ޗާޕުކުރީ ދިވެހި ދައުލަތުގެ ޚަރަދުގައި ކަލްކަތާއިން ހިޖުރައިން 1356 ގައެވެ. އެއީ މީލާދީން 1946 ވަނަ އަހަރުގެ ތެރެއެވެ. އެ ފަހަރު މި ފޮތް ޗާޕުކޮށްގެން ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ދެ ފޮތުގެ މަގުން ބެއްސެވިއެވެ. އަދި އޭގެ އިތުރުން މާލޭގެ ކުރިޔަށް ތިބި އެކި މީސްމީހުންނަށް ވެސް ބެއްސެވިއެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އަތްޕުޅުން ލިޔުއްވި السِيْرَة النَبَوِيَّة މި ފޮތް މިހާރު އޮތީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގައެވެ.



ކިޔުންތެރިންގެ ހިޔާލު