ހައްޔަރުކޮށްފައިވާ މީހުން
ހައްޔަރުކޮށްފައިވާ މީހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭން ބަޔަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މި ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 304.73 ގުރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އޭގެ އިތުރުން މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ދޫކޮށްލާފައިވާ ކަމަށެވެ.

“އަދި ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.” ފުލުހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު