މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނާ-
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނާ-
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ދެ ސައިކަލަކާއި އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރެވުނު ޒުވާނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު