ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ ޕޯސްޓުތައް ޖަހައި، ތަފާތު އެކި ސްކޭމް ހިންގައި، މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން އިއްޔެ ހައްޔަރު ކޮށްފައިވަނީ އައްޑޫ މީދޫ ފުނޯސް، އަބްދުﷲ މިލްހާނެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ އެންޓި-ސްކޭމް ސެންޓަރާއި އައްޑޫ ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އައްޑޫ މީދޫން އޭނާ ހައްޔަރުކުރިއިރު އެކި ދުވަސްމަތިން ހިންގާފައިވާ ސްކޭމްތަކާ އޭނާއާ ގުޅުން އޮންނަކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން، އެ މީހާއަކީ ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ، އެކި ދުވަސްމަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށެވެ.

އެގޮތަށް ފައިސާ ހޯދައިގެން އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް، އެ މީހުންނަށް ވެސް ފައިދާއެއް ދީ ހަދާފައިވާކަން ފާހަގަވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ ތިން މައްސަލައެއްގައި 16،000ރ. މަކަރާއި ހީލަތުން އޭނާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މިހާރުވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު