ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އއ. ބޮޑުފޮޅުދޫގައި 50 ހައުސިންގް ޔުނިޓްގެ މަޝްރޫޢެއް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، އެ މަޝްރޫޢު ނިމުމުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބޮޑުފޮޅުދޫ ސްކޫލްގެ ކްލާސްރޫމާއި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ފެށޭނެ ކަމަށެވެ. އަަދި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކޮށްދެއްވުމަށް، ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ދެއްވިއެވެ.

ހަމައެއާއެކު ބޮޑުފޮޅުދޫގައި ޤާއިމުކުރާ ހޭންޑްބޯލް ދަނޑުގެ އަމަލީ މަސައްކަތް ފެށޭކަމަށާއި، ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބޭނުންކުރެވޭނެ ގޮތަކަށް މަސައްކަތް ނިންމުމަށް މަގުފަހިކޮށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، އެރަށުގައި މިހާރު ހިއްކާފައިވާ ހަތަރު ހެކްޓަރުގެ ބިން ރަށާއި ހަވާލުކުރުގެ ކަންކަން ނިންމަވައި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި، އެއާއިގުޅިގެން ކުރަންޖެހޭ ކަންކަން އަންނަ އަހަރު ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު