އަންނަ އަހަރުގެ މާޗު މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގާނޫނުއަސާސީ އިސްލާހު ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އެއީ ބޭނުންހިފޭ ފަށަލައެއްގޮތަށް އޮންނަ ފަށަލައެއް ނޫންކަމަށެވެ. އެހެންވެ އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ވާނީ ބާރުވެރިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ސީދާ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ މުއާމަލާތް ކޮށްގެންކަމަށެވެ.

އެހެންކަމުން ދެން އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާން ނުޖެހޭނެކަމަށެވެ.

“އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބައެއް ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެއްބަސްވާނެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކައުންސިލަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ބާރު މިނުގައި ކައުންސިލްގެ އަތުގައި ހިފައިގެން މި ސަރުކާރުން ކުރިއަށް ދާނެ ކަމަށެވެ. އެކަން ކުރާއިރު ސަރުކާރުން ބޭނުންވަނީ ކައުންސިލްތައް ހިންގުމުގައި ޗެކް އެންޑް ބެލެންސް ނިޒާމެއް އޮންނަން ކަމަަށް ވެސް ވިދާޅުވިއެވެ.

މިރޭގެ ވާހަކަފުޅުގައި ވެސް ކައުންސިލްތަކުގެ ސައިޒު އާބާދީއަށް ބަލައި ކުޑަކުރުމަށް ނިންމާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު