މަރްޔަމް ނަހްދާ ވަޙީދު   17 އޯގަސްޓު 2025 - 16:26
ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތް
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި މީހަކު މިއަދު މަރުވުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ބަންދުގައި ހުއްޓައި މަރުވީ، ގ. ޒާމިޔާ، އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހެވެ. އޭނާ ހައްޔަރުކޮށް ބަންދުކުރީ މީގެ ދެ ދުވަސް ކުރިން މި މަހުގެ 15 ގައެވެ.

ފުލުހުން ބުނީ އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައި ބަންދުގައި ހުރި އަފުރާހުގެ ހާލަތު ފަތިހު 05:50 ހާއިރު ބެލިއިރު، ހަރާކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެހެންވެ އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުންނެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ މިހާރު ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެެވެ.

އަދި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު