ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ފުލުހުންގެ ވަޒީފާގެ ހުވާ ނުކުރާ ކަމަށް ކޯޓުގައި ބުނި ފުލުސް މީހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގދ. ތިނަދޫއިން މިދިޔަ މަހު ފުލުހަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން ވޭޕާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތި ފެނިގެންނެވެ. ނަމަވެސް އެރަށު ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ފުލުސް މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ފުލުހުންގެ ހުވާކުރި މީހެއް ނޫން ކަމަށާއި އަދި ހުވާކުރި ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ފުލުހުން ހުވާ ކިޔާފައި ނުވާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވަޒީފާގެ މުސާރަ އެއް މަސްވަންދެން ލިބުނު ކަމަށް އޭނާ އެއްބަސްވި އެވެ. އަދި ހުވާގެ އިޤުރާރުގައި އޭނާ ވަނީ ސޮއިވެސް ކޮށްފައެވެ.

އެމައްސަލާގައި ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ، ދައުލަތުގެ ވަޒީފާއާއި މަޤާމުތަކަށް ކުރިމަތިލައި، އެފަދަ މަޤާމުތަކަށް ހޮވޭ ނުވަތަ އައްޔަނު ކުރެވޭ މީހުން އެ ވަޒީފާއެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ ހުވައާއި، ހުވާގެ އިޤުރާރުގައި ސޮއި ކުރުމުގެ ޤާނޫނީ ނަތީޖާ ސާފުވާ ގޮތެއްގެ މަތިން ބައްޓަންކުރަން ޖެހޭ ކަމަށެވެ.

ހަމައެއާއެކު، މަޤާމުގެ މަސްއޫލިއްޔަތުގެ ޒިންމާ އަދާކުރަންޖެހޭ ގޮތާއި، ޤާނޫނީ ނިޒާމާއި ދައުލަތުގެ މައްޗަށް އޮންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައްވެސް އިތުރަށް ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.

މިމައްސަލާގައި ހައި ކޯޓުން މިއަދު ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ގޯސް ކަމަށެވެ. އަދި ހައިކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް މި މައްސަލައިގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ފުލުހުން ހުށަހަޅައިފިނަމަ އެކަމަށް ގޮތެއް ނިންމެވުމަށްވެސް ހުކުމުގައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީގެ ބެންޗުންނެވެ.

ގދ. ތިނަދޫއިން ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް މުހައްމަދު ސާޖިދު އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވޭޕާއި، އެފަދަ އާލާތްތައް ވިއްކުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރަކާއިއެކު ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހުއެވެ. އެތަނުން އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު