ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކައުންސިލްތަކުން ތަޖުރިބާ ދަތުރު ދިޔުމުގެ ނަމުގައި ބޭކާރު ހަރަދުތައް ކުރަމުން ގެންދާކަމަށް ވިދާޅުވެ އެކަމާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.

ބ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ހުރިހާ މެންބަރުން އެއްފަހަރާ ތަޖުރިބާ ދަތުރުތައް ރާއްޖޭން ބޭރަށް ވެސް އެބަ ކުރާކަމަށެވެ. ނަމަވެސް، އެއީ އެއްވެސް ރައްޔިތަކަށް ނުވަތަ އަތޮޅަކަށް ވެސް ފައިދާއެއް ލިބޭ ދަތުރުތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

“ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކައުންސިލުތަކަށް ބްލޮކް ގްރާންޓުދީ، ރަށުގައި އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީފައި ވަނީ ރަށްރަށުގެ މުނިސިޕަލް ކަންކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ހަރަދު ކުޑަކުރުމަށް ރާއްޖޭން ބޭރަށް ތަޖުރިބާ ދަތުރުތައް ނުދިޔުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ވީނަމަވެސް ބައެއް ކައުންސިލްތަކުން ބޭރުގެ ގައުމުތަކަށް އެފަދަ ދަތުރުތައް އަދިވެސް ދެއެވެ.

އެގޮތުން ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް ވެސް އަންގަވައިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު