މަސްތުވާތަކެތީގެ މައްސަލައިގައި ހަައްޔަރުކުރި ދެ މީހުން، ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައިގައި ހަައްޔަރުކުރި ދެ މީހުން، ފޮޓޯ: ފުލުހުން
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކުރީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރުމާއި އަދި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލޭގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި. ފައިވްސްޓަރ، ޢަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، ޢަލީ އަޢުފާން (20އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ހާމަކުރިއެވެ.

އެމީހުން ދުއްވި ސައިކަލު ޓޯކޮށް، އެ ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 17.06 ގުރާމުގެ ދަޅަކާއި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު