މާވަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމް
މާވަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމް
އޮޓޮޕްސީ ހެދުމަށްޓަކައި މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާވަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އޮގަސްޓް 6 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ. މިމަހުގެ 28 ވަނަ ދުވަހު ހެނދުނު މޫސާ އިބްރާހިމަށް ހަމަލާދީނީ އޭނާ އެރަށު ވޮލީ ކޯޓް ކައިރީ ހުއްޓައެވެ.

މިމަހުގެ 28 ވަނަ ދުވަހު ހެނދުނު ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. މޫސަ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހާރު ވަނީ މޫސާ އިބްރާހިމް މަރާލަން ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ކަމަށެވެ. މި މާރާމާރީއަކީ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރި މުޙައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ބުނީ މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މިހާރު ހޯދާފައިވާ ކަމަށާއި، ވަޅި ފެނުނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކުރި މަސައްކަތުން ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހިމް އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު