ހުރާގައި ހަދަމުންދިޔަ މޮނިއުމެންޓް
ހުރާގައި ހަދަމުންދިޔަ މޮނިއުމެންޓް
ހުރާގައި ހަދަމުންދިޔަ މޮނިއުމެންޓަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ހުރާ ގައި ހުރި މޮނިއުމަންޓަށް ގެއްލުންދިން މައްސަލަ އެއިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ އެ އިދާރާއަށް ހުށައަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހުރާގައި ހަދަމުންދިޔަ މޮނިއުމެންޓަށް ގެއްލުންދިން މައްސަލާއި އެރަށު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ފައިބަރުން ހަދައިފައިވާ އެ މޮނިއުމެންޓްގެ މަސައްކަތް ކުރަމުން ދަނިކޮށް ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެ މޮނިއުމެންޓްގެ ބައެއް ހަލާކުކޮށްފައިވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެޅޭނެ ހުރަހަކަށް ވާހިނދު، މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ ރައްޔިތުންގެ އަމަންއަމާން ކަމަށް އަސަރުކޮށް، ރަށުގައި ފިތުނަފަސާދަ އިތުރުވެގެން ހިނގައިދާނެ ކަމަށް މި ކައުންސިލުން ދެކެމެވެ.” ކައުންސިލްގެ ބަޔާނުގައިވެއެވެ.

ހުރާގެ ބަނދަރުމަތީގައި ހަދަމުން އައީ، އެ ރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ މޮނިއުމެންޓެކެވެ. އެ މޮނިއުމެންޓްގެ މަސައްކަތް ކުރާތާ 45 ދުވަސްވެފައިވާއިރު، އެކަމަށް ކައުންސިލުން ކުރި ޚަރަދު 360،000އަށް އަރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހުރާ ކައުންސިލުން ވަނީ އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެ އަމަލު ހިންގި ބަޔަކު ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު