މ. ސްޓާ / މުހައްމަދު ރަޒީން (49އ)،
މ. ސްޓާ / މުހައްމަދު ރަޒީން (49އ)،
އެމްޑީޕީގެ ދަނޑިކޮށި ހަރުގޭގެ ދޮރު ހަލާކުކޮށްލި މައްސަލައިގައި ހައްޔަރުކުރި މ. ސްޓާ / މުހައްމަދު ރަޒީން (49އ)، 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މިމަހުގެ 2 ވަނަ ދުވަހު ބުނީ، އެމްޑީޕީގެ ހަރުގޭގެ މައި ގޭޓަށް ގެއްލުންދިން މައްސަލާގައި ރަޒީން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފުލުހުން ބުނީ ހަމަ އެ ދުވަހު ރަޒީން ހައްޔަރުކޮށް ދޫކޮށްލުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން ޖެހިގެން އައި ދުވަހު އެމައްސަލާގައި އޭނާ ހައްޔަރުކުރި ކަމަށެވެ.

މި މައްސަލައިގައި ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، މުދަލަށް ގެއްލުންދިނުމުގެ ގިނަ މައްސަލަތަކެއްގައި މި ފަހުން ރަޒީން ހައްޔަރުކުރެވިފައިވާ ކަމަށެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ކަމާއި ކުށް ތަކުރާރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ އޭޕްރިލް މަހު މާލޭގެ ކެފޭއަކަށް ވަދެ، އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއްގައި ފައިން ޖަހައި ތަޅާލި މައްސަލައިގައި ވެސް ރަޒީން ހައްޔަރުކޮށްފައިވެއެވެ. އޭގެ ކުރިން މިދިޔަ ޑިސެމްބަރު މަހު، އައިޖީއެމްއެޗްގައި ފުލުހުންނަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް އޭނާ ހައްޔަރުކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު