ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ ޖުލައި މަހުގެ 21 ގައި އެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލައްވާފައިވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސަށް ލަފާދިނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޣަނީގެ ނަން މަޖިލީހަށް ހުށަހެޅުމަށެވެ.

އެހެންކަމުން ޣަނީ އެމަގާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް، މަޖިލީހަށް ރައީސް ޑރ. މުއިއްޒު ފޮނުއްވި ސިޓީ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވައިފައެވެ. އެސިޓީ ތަޅުމަށް އިއްވުމަށްފަހު، މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ.

2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައެވެ. ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި ޣަނީ މިހާރު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވަންޖެހެއެވެ. އެމަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އެ ނަންފުޅެއް ފާސްކުރެއްވުމުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއާ މިހާރު ވަނީ ހަވާލުކޮށްފައެވެ. ހަމީދުގެ އިތުރުން ދެން އެ ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ، އާއިޝާ ޝުޖޫން މުހައްމަދާއި، އަލީ ރަޝީދު ހުސައިނާއި، ޑރ. މުހައްމަދު އިބްރާހިމާއި، ހުސައިން ރަޝީދާއި، މުހައްމަދު ސަލީމެވެ.



ކިޔުންތެރިންގެ ހިޔާލު