ކުރީގެ ރައީސް ޞާލިޙް
ކުރީގެ ރައީސް ޞާލިޙް
ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހް އަނބުރާ ނެގުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށެވެ. އެގޮތުން ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން ހަނިކުރުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު މުރާޖާކުރުން ފަދަ ކަންކަން ހިމެނެއެވެ.

އެ އިސްލާހުތަކާއި ގުޅިގެން އެކްސްގައި މިރޭ ޞާލިޙް ވިދާޅުވީ، ފެހި ޤާނޫނު އަސާސީން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއްބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށެވެ. އެކި ވެރިކަމުގައި އެ ބާރުތަކާއި ވަޞީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙްތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް ޢަމަލުކުރަމުން އައި އިޞްލާޙްތަކެއްކަމަށް ޞާލިޙް ވިދާޅުވިއެވެ.



ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި ކޮންމެ ރަށެއްގެ އިޚްތިޞާޞް މިހާރު ކަނޑައެޅި، ދައުލަތުގެ ޢާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުޞޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައި ކައުންސިލްތައް ފުދުންތެރިވާން ފަށައިފިކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"2019 ވަނައަހަރު ގެނެވުނު އިޞްލާޙްތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް." ޞާލިޙް ވިދާޅުވިއެވެ.

އެހެންކަމުން މިކަމާ މެދު އަލުން ވިސްނައި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތައް އަނބުރާ ގެންދިއުމަށް ޞާލިޙް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު