އެފްޑީސީން އިމާރާތްކުރާ ފްލެޓުތައް، ފޮޓޯ: އެފްޑީސީ
އެފްޑީސީން އިމާރާތްކުރާ ފްލެޓުތައް، ފޮޓޯ: އެފްޑީސީ
ހުޅުމާލެ ފޭސް 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ތެރެއިން ބައެއް މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލީ ހައުސިން މިނިސްޓްރީން ބުނެގެން ކަމަށް އެފްޑީސީން ބުނެފިއެވެ.

އެފްޑީސީން މިހެން ބުނެފައިވަނީ ފްލެޓުތައް ލިބޭ މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުންނެވެ.

އެގޮތުން އެފްޑީސީން ބުނީ ހައުސިން ޔުނިޓު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގައި ކުރިއަށްދާނެ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގައި ކަމަށް އެފްޑީސީން ބުނެއެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލާފައި ވާކަމަށާއި، މި އެއްބަސްވުންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އަންގަމުންދާ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެ އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސާލި ސަބަބު އެފްޑީސީން ހާމައެއް ނުކުރެއެވެ.

މިދިޔަ ހަފްތާ ނިމުނުއިރު ޖުމްލަ 232 އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށް އެފްޑީސީން ހާމަކުރިއެވެ. އަދި ހައުސިން ޔުނިޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު