ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯ،
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯ،
ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވި ރަސްމިއްޔާތުގެ ޑްރޯން ޝޯއަށް ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގުކޮށްދޭން އެދި އެމްއޭސީއެލުން ފުލުހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.

މައުލޫމާތު ލިބޭގޮތުގައި ޑްރޯންތަކެއް ވެއްޓުނު މައްސަލަ ބަލަން ފުލުހަށް ހުށަހެޅީ، ޑްރޯން ޝޯ ކުރިއަށް ދިޔަ ވަގުތު އެ ޑްރޯންތައް ވެއްޓުމުގެ ފަހަތުގައި އެހެން ބައެއްގެ އަމަލެއް ވޭތޯ ބެލުމަށެވެ.

އެމްއޭސީއެލުން ފުލުހަށް ފޮނުވި ސިޓީގައި ބުނީ ޑްރޯން ޝޯގެ އެންމެ ފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި، ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯންތައް ބިން މައްޗަށް ވެއްޓި، ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތުން މިހާތަނަށް ބެލިބެލުމުން މި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރެކުއެންސީއަށް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އިންޓަފިޔާކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

މި ޑްރޯންތައް ވެއްޓުމުގެ ސަބަބުން އެމްއޭސީއެލްއަށާއި، ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށް ބޮޑު ގެއްލުމެއް ވަނީ ވެފައެވެ.

ގިނަ އަދަދެއްގެ ޑްރޯންތަކެއް ވެއްޓުމުގެ ސަބަބުން ރަންވޭ ހުޅުވާނުލެވި, ގިނަ އަދަދެއްގެ ފްލައިޓްތަކެއް ޑިލޭ ވެސް ވިއެވެ.



ކިޔުންތެރިންގެ ހިޔާލު