ގާސިމް އިބްރާހީމް، މުއުތަސިމް އަދުނާން، ހަސަން ޞާބިރު
ގާސިމް އިބްރާހީމް، މުއުތަސިމް އަދުނާން، ހަސަން ޞާބިރު
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ޢ.ޢ.ވ)، ކުރީގެ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.

މި ތިން ބޭފުޅުންނަށް ޢިއްޒަތް އެރުވުން އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި ބޭފުޅުންގެ ތެރެއިން ކުރީގެ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުވީ ޝަރުއީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ކޮށްދެއްވި މުހިންމު މަސައްކަތުގެ ސަބަބުންނެވެ.

ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުއުތަސިމް، އެ މަގާމަށް އައްޔަނުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑިސެންބަރު 8، 2019ގައެވެ. އެ މަގާމުން މުއުތަސިން ރިޓަޔާކުރައްވާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ކުރިން މުއުތަސިމް ވަނީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ހަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުވީ ފަތުރުވެރިކަމާއި އިގްތިޞާދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓުއަރިޒަމްގެ މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޙަސަން ޞާބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.

ޤާސިމް އިބްރާހީމްއަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުވީ، ވިޔަފާރީގެ ދާއިރާއިންނާއި، ސިޔާސީ ދާއިރާއިން އަދި ދައުލަތުގެ އެކި މަޤާމުތަކުގައި ހުންނަވައިގެން ޤައުމަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ގާސިމް އިބްރާހީމް ސަރުކާރުގެ ޚިދުމަތަށް ގުޅިވަޑައިގަތީ މާލޭގައި ހުރި ގަވަމަންޓް ހޮސްޕިޓަލްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އެކައުންޓެންސީގެ ދާއިރާއިން ޕްރޮފެޝަނަލް ކޯހެއް ފުރިހަމަކުރުމުން 1972 ވަނަ އަހަރު ގާސިމްގެ މަގާމް އެކައުންޓެންޓެއްގެ މަގާމަށް ބަދަލު ކުރެވުނެވެ. އެއަށްފަހު 1973 ވަނަ އަހަރު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި ވިލާ ޝިޕިންގ އުފައްދަވައި އަމިއްލަ ވިޔަފާރީގެ މަސައްކަތް ފެއްޓެވިއެވެ.

އެއަށްފަހު ގާސިމް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހި ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމާއި، އެމްއެމްއޭގެ ގަވަރުނަރުކަން ކުރަށްވާފައެވެ. ގާސިމް ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ އޮގަސްޓް 18، 2005ގައެވެ. އަދި ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ޖުލައި 10، 2008 ގައެވެ. އެއަށްފަހު ރައީސް ނަޝީދުގެ ވެރިކަމުގައި ދާޚިލީ ވަޒީރުކަންވެސް ޤާސިމް އަދާކުރެއްވިއެވެ. ގާސިމް ވަނީ ނޮވެންބަރު 01، 2018 އިން މެއި 27، 2019ގެ ނިޔަލަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ޤާސިމް ކުރަށްވާފައިވެއެވެ. އަދި 2008 ވަނަ އަހަރު "ޖުމްހޫރީ ޕާޓީ"ގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.

އިޖުތިމާޢީ ޚިދުމަތުގެ ރޮނގުން ޤާސިމް ފާހަގަކުރެވެނީ އަމިއްލަ ޚަރަދުގައި ގިނަ ބަޔަކަށް ބޭސްފަރުވާއަށާއި ތަޢުލީމު ހާސިލުކުރުމަށް އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ފަރާތެއްގެ ގޮތުގައެވެ.

ނިޝާން އިއްޒައްދީންގެ އިއްޒަތުގެ ވެރިކަމަކީ ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ ޝަރަފެވެ. މި އިއްޒަތް އަރުވަނީ ދައުލަތަށް އަދި ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު