މެންބަރު އައްބާސް އާއި ރައީސް މުޢިއްޒު
މެންބަރު އައްބާސް އާއި ރައީސް މުޢިއްޒު
ސިޔާސީ މައިދާނުގައި ހޭދަކުރި ދިގު މުއްދަތުގައި މިއަދަކީ ހަށިގަނޑުގައި އެންމެ ބޮޑަށް ވޭން އެޅި ދުވަސް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ވެލިދޫ ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު އައްބާސް މިހެން ވިދާޅުވީ، އެމްޑީޕީ މެންބަރުންނަށްވުރެ މެންބަރު އައްބާސްގެ އުނދަގޫ ބޮޑު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް މުޢިއްޒުގެ ވާހަކަތަކާ ގުޅިގެން މެންބަރު އައްބާސް ވިދާޅުވީ، އޭނާގެ އަމިއްލަ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއްގައި ސަރުކާރުގެ އެއްވެސް ވެރިއެއްގެ އަރިހަށް ގޮސްފައި ނުވާނެ ކަމަށާއި، ސަރުކާރުގެ ވެރިންގެ ކަންފަތަށް އިއްވަމުން ގެންދަނީ ރައްޔިތުންގެ އަޑު ކަމަށެވެ.

“ސިޔާސީ ގޮތުން މިހޭދަ ކުރި 18 އަހަރު މިހަށިގަނޑުގައި ނާޅާ ވޭން މިއަދު އަޅަމުން ދަނީ. އަޅުގަނޑު ކުރި ކޮންމެ ކަމެއް ބުނި ކޮންމެ ބަހެއް ބުނީ އަދި އެޅި ކޮންމެ ފިޔަވަޅެއް އެޅީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި.” އައްބާސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން މަޖިލީހަށް ހުށައެޅި ހުރިހާ ބަޖެޓަކަށް ވޯޓުދީ، ސަރުކާރުން ހުށަހެޅި ކޮންމެ ބިލަކަށްވެސް ވޯޓު ދީފައިވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ދައުލަތުގެ މުއައްސަސާތަކާ ހިއްސާކޮށް މަޝްރޫއުތަކުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

“ދާއިރާގެ ތިން ރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ ވާހަކަ ހިފައިގެން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް އަޅުގަނޑު ދިޔައިން. ދާއިރާގެ ތިން ރަށުގައި މިއަދާ މާދަމާ ބިންގާ އަޅާ ހުރިހާ ޕްރޮޖެކްޓެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އަޅުގަނޑު ބައިވެރިވީން.” އައްބާސް ވިދާޅުވިއެވެ.

އޭގެ އިތުރުން އައްބާސް ވިދާޅުވީ ދާއިރާގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ލަސްވާތީ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ކެނޑިނޭޅި މަސައްކަތް ކުރި ކަމަށާއި ނަމަވެސް މުޒާހަރާކޮށް ސަރުކާރުގެ ވެރިންނަށް ހުތުރު ބަހުން މެސެޖު ނުކުރާ ކަމަށެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިައްޒު މިއަދު ވިދާޅުވީ، ނ. ފޮއްދޫގައި ސަރުކާރުން ހިންގަން ރާވާފައިވާ ކަންކަން ނުވެ ލަސްވަނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ. އަދި މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ސަރުކާރުން ކަންކަން ކުރުމަށް މެންބަރު ހުރަސް އަޅަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު