އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލާފައި އޮތް އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަނބިމީހާގެ ފޯނު ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފޯނު ހިފެހެއްޓީ ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގު ތެރެއިން އޭނާގެ އާއިލާއާއި އޭނާގެ ގާތް މީހުންނާ ސުވާލުކޮށް ތަހުގީގަށް މިހާރު ހޯދަމުންދާ މައުލޫމާތު ހޯދުމުގެ ތެރެއިންނެވެ.

ފުލުހުން މިރޭ ބުނީ މި މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ. އެ ހާދިސާ ހިނގިރޭ އޭނާގެ އަނބިމީހާއަށް ޢަބްދުއްރަހްމާން އޮތް ކޮޓަރިއަށް ވަނީ އެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު ފާހާނާ އަށް ދިއުމަށްޓަކައި ކަމަށާއި އޭރު ޢަބްދުއްރަޙްމާން އޮތީ މަރަށް ތެޅިތެޅިކަމަށް އަނބިމީހާ ވަނީ ބުނެފައެވެ.

މި ހާދިސާގައި ހިމެނޭ ގާތިލުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސް އެ ރަށުގައި ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ފަރާތްތައް ނުވަތަ އެ މީހަކު ހޯދިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު