ފޮރިން މިނިސްޓަރ ޚަލީލް
ފޮރިން މިނިސްޓަރ ޚަލީލް
ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކުރެވިފައިވާ ގޮތުން ގިނަ ގައުމުތަކަކާ ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީ އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޚާރިޖީ ސިޔާސަތަކީ ޤައުމަށް ފައިދާކުރަނިވި ނަމޫނާ ސިޔާސަތެއް ކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގިނަ ޤައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޗައިނާއާއި އިންޑިޔާއާއި އެމެރިކާފަދަ ބޮޑެތި ޤައުމުތަކާއެކު ގުޅުންބަދަހިވެ، ޢަރަބި ދުނިޔެއާވެސް ގާތް ގުޅުމެއް ޤާއިމުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ގުޅުންތަކުގެ ނަތީޖާއަކީ ރާއްޖެއަށް ދިމާވާ އެކި މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދުމުގައި ބޭރުގެ އެހީތެރިކަން ލިބުންކަމަށާއި، މިގޮތަށް ދެމިއޮންނާނީ ގާތް ގުޅުންތައް ދެމެހެއްޓިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށް ބުރުއަރާނެ ކޮންމެ ކަމަކުން ކޮންމެ ދިވެއްސަކުވެސް ދުރުވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖެއަށް ފައިދާވާ އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާސަތަށް އިޙުތިރާމުކުރާ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ބާއްވާނެކަމަށެވެ.

އަދި ޚާރިޖީ ގޮތުން ރަނގަޅު ސިޔާސަތުތަކެއް ހިފެހެއްޓުމުގައި ރާއްޖެއަކީ ބޭރު ދުނިޔޭގައި މަޝްހޫރު ޤައުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހަރުދަނާ ސިޔާސަތުތަކާއި ގާތް ގުޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއި ކޮމިޝަންތަކުގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވެފައިވާ ކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ކާމިޔާބީތަކެއް ލިބިފައިވަނީ ޤައުމުތަކާއެކު ޤާއިމުވެފައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ.

އަދި ޤައުމުތަކާއެކު ގުޅުން ބަދަހިވި ވަރަކަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކުރާ ޤައުމުތައް އިތުރުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު