ޓެލެގްރާމް ސްކޭމްތައް އިތުރުވަނީ
ޓެލެގްރާމް ސްކޭމްތައް އިތުރުވަނީ
ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށާއި، މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނާ ކަމަށެވެ.

އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާ ކަމަށާއި އަދި އޯޓީޕީ ހިއްސާކޮށްފިނަމަ ޓެލެގްރާމް އެކައުންޓުގެ ކޮންޓްރޯލް، ސްކޭމްކުރާ ފަރާތަށް ލިބިގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސްކޭމަރުންނަށް ކޮންޓްރޯލު ލިބުމާއެކު ތިމާގެ ޓެލެގްރާމް އެކައުންޓުން ތިމާގެ ނަމުގައި އެހެން މީހުންނަށް ސްކޭމް ޕިޝިންގ ލިންކު ފޮނުވަމުންދާ ކަމަށް ފުލުހުން ވަނީ ހާަމަކޮށްފައެވެ.

ފުލުހުން ވަނީ ޓެލްގްރާމް މެދުވެރިކޮށް ފޮނުވާ ޕިޝިންގ ލިންކު ސްކޭމްގެ ޝިކާރައަކަށްވެ ޓެލެގްރާމް އެކައުންޓު ހެކްކޮށްފިނަމަ، ޓެލެގްރާމް އެޕްލިކޭޝަން އަންއިންސްޓޯލްކުރުމަށް ފަހު އަލުން އިންސްޓޯލުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޓެލެގްރާމް އަލުން އެކްޓިވޭޓްކޮށް، ޓޫ-ސްޓެޕް ވެރިފިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް ފުލުހުން ވަނީ ބުނެފަައެވެ.

މީގެ އިތުރުން ފުލުހުން ވަނީ އިތުބާރުކުރެވޭ ނުވަތަ ގާތް މީހެއްގެ ނަމުގައި މިފަދަ ލިންކު ފޮނުވިކަމުގައިވިޔަސް އެއަށް ސަމާލުކަންނުދިނުމަށް އެދިފައެވެ. އަދި އެއީ ޓެލްގްރާމް އެކައުންޓް ސްކޭމަރުންގެ އަތްދަށުލުމަށް ފަރުމާކޮށްފައިވާ ފިޝިންގ ލިންކެއްކަމުން އެފަދަ ލިންކުތަކަށް ނުފިތުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު