ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ ބެންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ ރަށުގައި ތިބޭ ފުލުހުންގެ ތެރެއިން ބައެއް ފުލުހުންގެ ބެންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް އިން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އަދި އެ މައްސަލާގައި ޝާމިލުވާ ފުލުހުންގެ މައްސަލަ ބެލުމަށް އެ މީހުން މާލެ ގެނެސްގެން ތަހުގީގު ކުރިއަށް ގެންދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުހުން ވަނީ، އެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ކޮއްތު ހަމަޖައްސަން ބަޖެޓުގައި ހުންނަ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައެވެ. އޭގެ އިތުރުން އަމިއްލަ ސައިކަލްތަކަށް އަޅާ ޕެޓްރޯލަށްވާ ފައިސާ ވެސް ސްޓޭޝަނަށް ބިލްކޮށް ނަގާ، އަމިއްލަ އެކައުންޓްތަކަށްވަނީ ޖަމާކޮށްފައެވެ.

މިކަން ތަހުގީގުކުރަން ފެށިނަމަވެސް އެ މައްސަލާގައި ހިމެނޭ ފުލުހުންގެ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު