ޑާކް ސާކަލް ފިލުވުމަށް ގޭގައި އެކި ކަންތައް ކުރެވޭނެ
ޑާކް ސާކަލް ފިލުވުމަށް ގޭގައި އެކި ކަންތައް ކުރެވޭނެ
ޑާކް ސާކަލް ނުވަތަ ލޯ ކައިރި ކަޅުވުމަކީ އަޅުގަނޑު މެންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން މީހާގެ މޫނުމަތިން ތާޒާކަން ގެއްލި އުމުރަށް ވުރެ މުސްކުޅި ކަމަށް ދައްކައެވެ.

ދިރިއުޅުމުގެ ކަންކަމާއިގެން މާ ބުރަ ބޮޑުކޮށް އުޅެންޖެހުމުގެ ސަބަބުން އަރާމު ކުރަން ޖެހޭ ވަގުތުތަކުގައި އެކަން ނުކުރެވި، ހަށިގަނޑަށް ލިބެންޖެހޭ އަރާމު ނުލިބުމަކީ ލޯ ކައިރި ކަޅުވުމަށް ދިމާވާ އެންމެ މައިގަނޑު ސަބަބެވެ. މިކަމަށް ފަރުވާ ކުރެވިދާނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. އެގޮތުން ގޭގައި ފަސޭހައިން ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން ވެސް ޑާކް ސާކަލް ފިލުވާލެވިދާނެއެވެ.

އެގޮތުން ބަލާއިރު ކިއުކަންބާއާއި ލުނބޯ ބޭނުންކޮށްގެން ލޯކައިރީގައި ހުންނަ ޑާކް ސާކަލް ފިލުވޭނެއެވެ. މި ދެ ބާވަތަކީ ޒަމާނުއްސުރެ މީހުން ހަންގަނޑު ރީތިކުރުމަށް ބޭނުން ކުރަމުން އަންނަ ތަރުކާރީގެ ދެބާވަތެވެ. މި ދެ ބާވަތް އެއްވަރަކަށް އެއްކޮށްލުމަށް ފަހު ކަފަކޮޅަކުން ކަޅުވެފައިވާ ބައިގައި ހާކާލާނީއެވެ. އަދި 15 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ތާފެނާ ފެނުން ދޮވެލާނީއެވެ. މިހެން ކަންތައް ކުރުމުން ވަރަށް އަވަހަށް ޑާކް ސާކަލް ފިލައިގެންދާނެއެވެ.

ކާށި ތެޔޮ ބޭނުން ކުރުމުންވެސް ލޯ ކައިރީގައި ހުންނަ ޑާކް ސާކަލްތައް ފިލާނެއެވެ. ކާށި ތެލަކީ ހަންގަނޑަށް ދިމާވާ އެކިއެކި ކަންކަން ރަނގަޅު ކުރުމަށް ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ލޯ ކައިރީގައި ކާށި ތެޔޮ ހޭކުމުންވެސް ލޯކައިރި ކަޅުވުން ހައްލުވެގެންދެއެވެ. ތެޔޮ ހޭކުމަށްފަހު ހެނދުނު މޫނު ރަނގަޅަށް ދޮވެލުމުން މޫނުމަތި ވަރަށް ތާޒާވާނެއެވެ. އަދި ލޯ ކައިރި އަލި ވާނެއެވެ.

ގަނޑުފެން ނުވަތަ ކޯލްޑް ކޮމްޕްރެސް އަކީވެސް ޑާކް ސާކަލް ރަނގަޅު ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ލޯ ކައިރި ކަޅުވެފައި ހުންނަ ހިސާބުގައި ގަނޑުފެން އެޅުމުން މޫނުމަތި ތާޒާވެ ލޯކައިރި އަލިވާނެއެވެ.

މިދެންނެވުނު ކަންތައްތަކަކީ ސެލޫންތަކަށް ނުގޮސް ގޭގައި ތިބެގެން ޑާކް ސާކަލް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ. އަދި މިކަންތައް ކުރުމަށް ޖީބުން އެހާ ބޮޑު ހަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ގަވާއިދުން މި ކަންތައް ކުރާނަމަ ލޯ ކައިރީގައި ހުންނަ ޑާކް ސާކަލް އަވަހައް ރަނގަޅުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން