އެމެރިކާގެ ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ ގުޅިގެން ރަޝިޔާގެ ސައިބަރ ސެކިއުރިޓީ ކުންފުނި ކަސްޕަރސްކީ އެމެރިކާގައި މަނާކޮށްފިއެވެ. އެ ކުންފުނީގެ މަޝްހޫރު އެންޓިވައިރަސް ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން އެމެރިކާގައި މަނާކޮށްފައި މިވަނީ ރައީސް ޖޯ ބައިޑަންގެ ލަފާފުޅުގެ މަތިން ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

މި މައްސަލަ އާއި ގުޅޭގޮތުގައި އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ކަސްޕަރސްކީއަށް ދެން އެމެރިކާގައި އެ ކުންފުނީގެ ސޮފްޓްވެއާ ވިއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މިހާރުވެސް ބޭނުންކުރާ ސޮފްޓްވެއާތަކަށް އަޕްޑޭޓް ނުދެވޭނެކަމަށް އެ ބަޔާނުގައި ބުނެއެވެ.

އެމެރިކާގައި ކަސްޕަރސްކީ މަނާކުރިކަން އިއުލާން ކޮށްފައި މިވަނީ އެ ކުންފުނިން އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ބައެއް މައުލޫމާތުތައް ރަޝިޔާގެ ސަރުކާރާ ހިއްސާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ ދަނޑިވަޅެއްގައެވެ. އަދި މިކަން ކުރުމުގައި ރަޝިޔާ ސަރުކާރުންވެސް ކަސްޕަރސްކީ އަށް ބައެއް ނުފޫޒުތައް ފޯރުވާކަމަށްވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.

މިކަމާ ބެހޭގޮތުން އެމެރިކާގެ ކޮމާސް ސެކްރެޓަރީ ޖީނާ ރައިމޮންޑޯ ވިދާޅުވީ އެމެރިކާގެ ސިއްރު މައުލޫމާތު އެއްކޮށް ކަސްޕަރސްކީ ލެބް ފަދަ ތަންތަން ރަޝިޔާގެ ކުންފުނިތަކުން ބޭނުން ކުރާކަމަށް ޝައްކު ކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން