ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ މިއުޒިކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ނުފެތުރުމަށް އަނެއްކާވެސް އޭނާ އިލްތިމާސް ކުރަށްވައިފިއެވެ.

ރާއްޖޭގެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯއްދަވާފައިވާ ކުރީގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި މިހާރު ދިވެހިންގެ ތެރޭގައި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލީ ރަމީޒު ވިދާޅުވީ މިހާރު އޭނާގެ ލަވަތައް ފެތުރުމަކީ އޭނާއަށް ދެވޭ އަނިޔާއެއް ކަމަށެވެ.

އެގޮތުން ލަވަކިޔުން ހުއްޓާލާ މިއުޒިކާއި ދުރަށް ދިޔައީ މިއުޒިކް ކުޅުމާއި ލަވަކިޔުމަކީ ހަރާމްކަމެއްކަން އިތުބާރު ހުރި އިލްމުވެރިންގެ ބަސްފުޅުތަކުން ޝައްކެއް ނެތް މިންވަރަށްް އެނގި ސާބިތުވުމުންކަމަށް ޢަލީ ރަމީޒް ވިދާޅުވެފައިވެއެވެ.

އައްޔަ ވިދާޅުވީ އޭނާއަކީ މިހާރު ﷲ އަށް ޓަކައި މިއުޒިކަށް އިންތިހާއަށް ނަފްރަތު ކުރާ މީހެއްކަމަށާއި އެހެންކަމުން ނޭގުމުގައި ހުރެ އޭނާ ކިޔާފައިވާ ލަވަތައް އެކި ޕްލެޓްފޯމް ތަކުގައި ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ދީނުގައި ހަރާމްކޮށްފައިވާ ކަމެއް ކުރުމަކީ އެއްވެސް ހާލެެއްގައި އެށާ ރުހޭކަމެއް ނޫންކަމަށާއި އެދި އެކަމަކީ އޭނާއަށް ކުރާ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް އައްޔަ ވިދާޅުވެފައިވެއެވެ.

“އަޅުގަނޑުގެ މިއުޒީކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުމާއި އަޅުގަނޑާއި މިއުޒިކާއި ގުޅުވައިގެން މިއަދުވެސް އަދި އަޅުގަނޑު ނެތް ދުނިޔެއެއްގައިވެސް އިސްލާމުދީނުގައި މަނާކުރައްވާފައިވާ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ހާލެެއްގައި އަޅުގަނޑު ރުހޭކަމެއް ނޫން.” އައްޔަ ވިދާޅުވިއެވެ.

އެހެންކަމުން އައްޔަ ވަނީ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހައި ބޭފުޅުންގެ އަރިހުން އާދޭސް ދަންނަވާފައެވެ.

ރާއްޖޭގެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލާފައިވަނީ 2003 ވަނަ އަހަރުއެެވެ. އަލީ ރަމީޒަކީ ރާއްޖޭގައި ލަވަކިޔުމުގެ ދާއިރާގެ އޭރުގެ "ރަސްގެފާނު" ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ލަވަކިޔުން ހުއްޓާލުމަށްފަހު އަލީ ރަމީޒު މިހާރު މަސައްކަތް ކުރަށްވަނީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައެވެ. އެގޮތުން ދީނީ ޕްރޮގުރާމްތައް ހުށައަޅުއްވައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކި ޕްރޮގުރާމްތަކުގައި އަލީ ރަމީޒު އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަަވައެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ މަދަޙަ ވިދާޅުވެ މަދަހަ ސީޑީތަކެއް ވެސް އަލީ ރަމީޒު ވަނީ ނެރުއްވާފައެވެ. އަލީ ރަމީޒު ވަނީ މީގެ އަހަރުތަކެއް ކުރިން އިމާމު ކޯސް ވެސް ފުރިހަމަ ކުރަށްވާފަައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދިވެހި ޒުވާނުން

22-Jun-2024

ތިކަމާ އަޅާލީމާ ކަމަކުނުދޭ



ޓްރެންޑިން