"ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ބައެއް މެންބަރުން
"ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ބައެއް މެންބަރުން
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓްގެ މައްސަލާގައި އޭސީސީން ޖިނާއީ ތަޙުޤީޤެއް ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ދަނީ ދޮގު މަޢުލޫމާތު ދީގެން ފްލެޓް ހޯދާފައިވާ މީހުންނާއި، ފްލެޓް ކޮމިޓީގެ ބައެއް މައްސަލަތަކެވެ. ނަމަވެސް އެކަމުގެ ތަފްސީލީ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އަވަސް އަރުވާލައިގެން އާންމުކުރި ފުލެޓް ލިސްޓްތަކުގެ ޖިނާޢީ މައްސަލަތަކެއް އޭސީސީން ބަލަމުންދާއިރު، ސަރުކާރުގެ ތެރެއިން ވެސް ދަނީ އެ ލިސްޓްތަކުގައި ނުހައްގުން އެއްވެސް ފަރާތަކަށް ފުލެޓު ދީފައިވޭތޯ ބަލާ ލިސްޓްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލާގައި އޭސީސީން މީގެކުރިން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓާއި ގުޅިގެން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންކަން އެ ކޮމިޝަންގެ ފަރާތުން ބަލަމުންދާނެކަމަށާއި އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭގެއިތުރުން އޭސީސީންވަނީ، އެއްވެސް ފަރާތެއްގެ ނުފޫޒެއް އެ ކޮމިޝަނަށް ނުފޯރާނެކަމަށް ބުނާބުނުން ތަކުރާރުކޮށްފައެވެ. އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ޤާނޫނު ނަގަހައްޓާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުންކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން މީގެ ކުރިން ވަނީ ކުރީގެ ސަރުކަރުގައި ނެރެފައިވާ ފްލެޓް ލިސްޓްގައި ހިމެނޭ ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައެވެ. އޭސީސީން މި މައްސަލަ ބެލުމަށްފަހު ހައުސިންގ މިނިސްޓްރީއަށް ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 ފަރާތެކެވެ.

ކުރީ ސަރުކާރުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި ފްލެޓްތައް ބެހުމަށްޓަކަައި "ގެދޮރުވެރިން" ނަމުގައި އުފެއްދި ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު އެކޮމިޓީގެ ކޯ ޗެއާމަންގެ ގޮތުގައި ހަރަކާތްތެރިވީއިރު އެ ކޮމިޓީގައި ދެން ތިއްބެވީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އަދި މުހައްމަދު އާރިފެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން