އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމްތައް ބާތިލްކޮށްފިއެވެ.



ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މިއަދު ބުނީ 5 ނޮވެމްބަރ 2023 ގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއުން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ، އެޕްލިކޭޝަންތައް ވަނީ ބާތިލް ކޮށްފައި ކަމަށެވެ.

އެގޮތަށް ޢަމަލު ކުރަން ޖެހުނީ 5 ނޮވެމްބަރ 2023 ގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ފޯމު ހުށަހެޅުމުގައި ދިމާވި ދަތިތައް ބަޔާންކޮށް ގިނަ ޝަކުވާތަކެއް ލިބިފައިވާތީ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

“ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާކަން މިކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާތީ، އަދި މިކަމާގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލިފައި ވާތީ 5 ނޮވްމެބަރ 2023 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި ހުށަހެޅި އެޕްލިކޭޝަނަތައް ވަނީ ބާތިލް ކުރެވިފައެވެ.” އެޗްޑީސީން މިއަދު ބުނެފައިވެއެވެ.



ހަމައެއާއެކު، ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވުމުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ލިބެމުންދާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި އެ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.



“ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.” އެޗްޑީސީގެ ބަޔާނުގައިވެއެވެ.



މީގެ އިތުރުން، ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ލިބިފައި ވާތީ، އެފަދަ ކަންކަމަށް ސަމާލުވުމަށް ހުރިހައި ފަރާތްތަކަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން