މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދޫކުރުމާ ގުޅޭގޮތުން އޭސީސީން ތައްޔާރު ކޮށްފައިވާ ލިސްޓެއްކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދަނީ އެ ކޮމިޝަނުން ތައްޔާރުކުރި ލިސްޓެއް ނޫންކަމަށް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާކަމަށް އޭސީސީއިން ކަނޑައަޅާފައިވާ ކަމަށް ބުނާ ލިސްޓެއް މިހާރު މީސްމީޑިޔާގައި ދައުރުވަމުން ދާކަމަށާއި، އެ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓު ނޫންކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލައާއި ގުޅިގެން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންކަން އެ ކޮމިޝަންގެ ފަރާތުން ބަލަމުންދާނެކަމަށާއި އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި އޭސީސީންވަނީ، އެއްވެސް ފަރާތެއްގެ ނުފޫޒެއް އެ ކޮމިޝަނަށް ނުފޯރާނެކަމަށް ބުނާބުނުން ތަކުރާރުކޮށްފައެވެ. އަދި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ޤާނޫނު ނަގަހައްޓާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުންކަމަށް ވެސް ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އަވަސްއަރުވާލައިގެން އާންމުކުރި ފުލެޓް ލިސްޓްތަކުގެ މައްސަލަތައް އޭސީސީން ދަނީ ބަލަމުންނެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް ދަނީ އެ ލިސްޓްތަކުގައި ނުހައްގުން އެއްވެސް ފަރާތަކަށް ފުލެޓު ދީފައިވޭތޯ ބަލާ ލިސްޓްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން