ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 16 އޭޕްރީލް 2024 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، 12800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 249.66 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1847 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ޖެހުމާއި، 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 40.57 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 360 ދުވަހުގެ ތެރޭގައެވެ.

ވ. ތިނަދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު ކުޑަ އާބާދިއެއް އޮތް ރަށެއްކަމުގައި ވީނަމަވެސް، އެ ރަށަކީ މިއަދު މުޅި ވ. އަތޮޅުގައިވެސް ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ރަށެވެ.

ތިނަދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ 9 ގެސްޓްހައުސް ހުރިއިރު، މުޅިއެކު 300 އާއި 250 ދެމެދުގެ އަދަދެއްގެ އެނދު މިހާރު އެރަށުގައި ހުންނާނެކަމަށް ރަށު ކައުންސިލުން ލަފާކުރެއެވެ. މީގެއިތުރުން، ފަރުމަސްވެރިކަމަކީވެސް އެ ރަށުގެ ރައްޔިތުން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން