ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުން
ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުން
ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އެތުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބުނީ، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށާއި، ބްލޮކް އެތުރުމުގެ އަމަލީ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ހިނގަމުންދާ ކަމަށެވެ.

ފިޔޯރީގައި މިހާރު ބޭނުންކުރަމުން ދަނީ 2009 ވަނަ އަހަރު ތަރައްޤީކޮށް ބޭނުންކުރަން ފެށި ބަނދަރެކެވެ. ނަމަވެސް އޭރު ބަނދަރު ހަދާފައިވާ ގޮތުން ރައްޔިތުންނަށް ލަފާފުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި ބަނދަރުގެ ޖާގަ ކުޑަވުމާއި އެކަށީގެންވާ ރައްކާތެރިކަން ނެތުމުގެ ސަބަބުން، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދުވެއްޔަށް ވެސް އޮތީ ހުރަސްއެޅިފައެވެ.

ފިޔޯރީގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ދާއިމީ އަދި ޒަމާނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ބަނދަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ޕްލޭންކޮށް މަސައްކަތް ފަށާފައެވެ. ދައުލަތުގެ ބަޖެޓުން 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

އެމްޓީސީސީން ބުނީ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް، ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ފިޔޯރީގެ ރައްޔިތުންނަށާއި އެ ރަށަށް ދަތުރުކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު