ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކެމްޕޭން ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެންކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮލަމާފުށި ދާއިރާއަށް އެމްޑީޕީން ވާދަކުރާ ސައްޔާހް ހަލީލްގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް އިއްޔެ ވިދާޅުވީ، އެމްޑީޕީން މި އިންތިހާބުގައި ކެމްޕޭން ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެންކަމަށެވެ. އަދި މިއީ 2024 ވަނަ އަހަރު ބާއްވާ އިންތިހާބެއްގައި ދިމާވެދާނެކަމަށް ކުރީން ހީވެސް ކޮށްފައިނުވާ ކަމެއްކަމަށް ޞާލިޙް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރުތަކާއި ޖަގަހަތަކަށް އެކިވަރުގެ ގެއްލުންތައް ދޭކަން ފާހަގަކުރައްވާ ޞާލިޙް ވިދާޅުވީ، ހަމަޖެހިލައިގެން ކެމްޕޭން ކުރުމުގެ ފުރުސަތު ހަމަ ކޮންމެ ބަޔަކަށް ވެސް ލިބެންވާނެކަމަށެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ މި އިންތިހާބުގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން ދާކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން، ކެމްޕޭނަށް ވަޒީފާތައް ބަހާލަމުން ދާކަމަށާއި، އެގޮތުން އެ ދާއިރާގައި ވެސް 60 ނުވަތަ 70 ވަޒީފާ މި ދުވަސްކޮޅު ބަހާލާފައިވާކަމަށް ވިދާޅުވިއެވެ.

އަދި އެ ވަޒީފާތައް ދެމުންދަނީ ދާއިމީކޮށް ނޫންކަމަށާއި ކޮންޓްރެކްޓް އުސޫލުން ދޭ އެ ވަޒީފާތައް، ސަރުކާރަށް މަޖިލިސް ލިބިއްޖެނަމަ އުވާލާ ސަރުކާރުން ވަޒީފާތައް އަތުލާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން