އަހުމަދު ޔާމިން   31 މާރިޗު 2024 - 11:44
އިޢުތިކާފަށް އިނުމަކީ، މީސްތަކުންނާ ވަކިވެ، އަޅުކަމުގައި މަޝްޢޫލުވެ އިނުމުގެ ގޮތުން، ޛިކުރު ކުރުމާއި، ޤުރުއާން ތިލާވަތް ކުރުމާއި، ދުޢާ ކުރުމާއި، އިސްތިޣްފާރު ކުރުމާއި ﷲ އަށް މުނާޖާ ދެންނެވުންފަދަ ޢަމަލުތަކުގައި މިސްކިތުގައި ޤާއިމްވެ އިނުމެވެ.

އިޢުތިކާފަށް އިނުމުގެ މިންވަރާމެދު ރިވާވެފައިވެއެވެ. ޞައްޙަ ގޮތަކީ، އެއް ދުވަހަށް ވުރެ މަދުން އިޢުތިކާފު ޞައްޙަ ނުވުމެވެ.

އެހެނީ ނައްޞުތަކުން ވާރިދުވެފައިވާ އެންމެ ކުރު މިންވަރަކީ މިއީއެވެ. އަދި އެއަށް ވުރެ ކުރު ނަމަ ބުނެވެނީ ރިބާޠު އެވެ. އިޢުތިކާފެއް ނޫނެވެ. އެހެނީ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ:

أَلَا أَدُلُّكُمْ عَلَى مَا يَمْحُو الله بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ.....وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ، فَذَلِكُمُ الرِّبَاطُ فَذَلِكُمُ الرِّبَاطُ

"އެއަކުން ﷲ ކުށްފާފަ ފުއްސަވައި (ޖަންނަތުގައި) ދަރަޖަތައް އުފުއްލަވާނޭ ކަމަކަށް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ މަގުދައްކަވަމުހެއްޔެވެ؟ ...... އަދި އެއްނަމާދުން އަވަދިވެ އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ފަހެ ރިބާޠު އަކީ އެއީއެވެ. ރިބާޠު އަކީ އެއީ އެވެ."

އެއީ އިޢްތިކާފެކޭ ނަބިއްޔާ ﷺ ޙަދީޘެއް ނުކުރައްވައެވެ.

އިމާމް البخاري 2026، އަދި مسلم 1172 ރިވާކުރައްވާފައިވެ އެވެ.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهُا: «أَنَّ رَسُولَ اللَّهِ ﷺ كَانَ يَعْتَكِفُ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ، حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ. ثُمَّ اعْتَكَفَ أَزْوَاجُهُ بَعْدَهُ»

عَائِشَةَ رَضِيَ اللَّهُ عَنْهَا ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ގެ ފުރާނަފުޅު ﷲ ޢައްޒަ ވަޖައްލަ ހިއްޕަވައިފުމަށް ދާންދެން، (ކޮންމެ) ރަމަޟާން މަހެއްގެ ފަހު ދިހައިގައި ނަބިއްޔާ އިޢުތިކާފަށް އިންނަވައެވެ. ދެން ނަބިއްޔާ އަވަހާރަވުމަށް ފަހުގައި ވެސް އެކަލޭގެފާނުގެ އަނބިކަނބަލުން އިޢުތިކާފަށް އިންނަވައެވެ.“

ފަހެ، ނަފްސަށް ހެޔޮ އެދޭ ކޮންމެ މުއުމިނު އަޅަކަށް އޮތީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމުގައި ގަދައަޅާ މަސައްކަތް ކުރުމެވެ. ވަކި ރެއަކަށް ޚާއްޞަކޮށް ކުރުމަށް ވަކި ޢަމަލެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން