ރަމަޟާންމަހަކީ، ކީރިތި ޤުރްއާނުގެ މައްސަރެވެ. އެހެނީ ކީރިތި ޤުރްއާން ބާވައިލައްވަންފެއްޓެވީ، ރަމަޟާން މަހެއްގައެވެ. މިއަދު އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ސުވާލު ކުރަންވީ މި ރަމަޟާންމަހު ޤުރުއާން ކިޔެވުމުގައި އަޅުގަނޑުމެންނަށް ވަގުތު ހޭދަކުރެވުނު މިންވަރާ މެދުގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޤުރްއާނަށް އިތުރު ވަޤުތު ދިނުމަށް މިއަދުން ފެށިގެން ޢަޒުމް ކަނޑައަޅަން ޖެހެއެވެ.

އެގޮތުން ބަލައިގެން ފަރިތަކޮށް ޤުރުއާން ކިޔަން ނޭނގުނަސް ކޮންމެ ދުވަހަކުވެސް ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމަކީ އާދައަކަށް ހެދުމަށް މަސައްކަތް ކުރާށެވެ. ޤުރްއާނުގެ އަހުލުވެރިންގެ ތެރެއިން ވުމަކީ ނިމުމެއްނެތް ބާއްޖަވެރިކަން ތިބާއަށް ލިބޭނެ ކަމެކެވެ.

ޤުރްއާން ބަލައިގެން ކިޔަވަން ނުފަރިތަނަމަ ގިނަގިނައިން ޤުރްއާން އަޑުއަހާށެވެ. ހަމައެއާއެކު ޤުރްއާނުގެ ތަފްސީރުތައް ކިޔައި ތަދައްބަރުކޮށް އާޔަތްތަކާއި މެދު ވިސްނާ ފިކުރުކުރާށެވެ. އޭގެ އިތުރުން ޤުރްއާނުގައި ވާ ޙުކުމްތަކާއި އެއްގޮތަށް ޢަމަލުކުރެވޭތޯ ބަލައި ނަފްސު ޙިސާބުކޮށް އިސްލާޙު ކުރުމަކީވެސް ކުރެވިދާނެ ކަންކަމެވެ.

މާތް اللَّهُ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ

"ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ."

މި ބަރަކާތްތެރި މައްސަރުގައި ސަލަފުންގެ ބޭކަލުން އެބޭކަލުންގެ ވަޤުތުތައް ހުސްކުރެއްވީ ޤުރްއާން ކިޔަވާ ވިދާޅުވުމުގައެވެ. ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެބޭކަލުން ޤުރްއާން ކިޔެވުން ގިނަކުރަށްވައި ޤުރްއާން ޚަތިމް ކުރެއްވުން ގިނަ ކުރެއްވިއެވެ. ބައެއް ބޭކަލުން ދުވާލަކު 2 ފަހަރު ޤުރުއާން ޚަތިމް ކުރެއްވިއެވެ.

ޢަބްދުﷲ ބުން ޢަމްރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ، فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ : مَنَعْتُهُ النَّوْمَ بِاللَّيْلِ ، فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ

މާނައީ: "ރޯދައާއި ޤުރުއާން، އަޅާއަށް ޤިޔާމަތްދުވަހުގައި ޝަފާޢަތްތެރިވާނެއެވެ. ރޯދަ ބުނާނެއެވެ. އޭ ރައްބެވެ! ކެއުންބުއިމާއި ޝަހުވަތް، ތިމަންނަ އެނާއަށް މަނާކުރީމެވެ. ތިމަންނައަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާފާނދޭވެ! އަދި ޤުރުއާން ބުނާނެއެވެ. ތިމަންނަ، އޭނާގެ ރޭގަނޑުގެ ނިދި މަނާކުރީމެވެ. ތިމަންނައަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާފާނދޭވެ."

ކީރިތިޤުރްއާނުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް ވެސް ދިހަ ހެޔޮކަން ލިބޭނެކަން މާތްالله އަންގަވާފައިވެއެވެ. އެހެންކަމުން، ޤުރްއާން ކިޔެވުމަކީ އާދައެއްކަމުގައި ހަދައި، އެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ ވަރަށް މަތިވެރި ދަރުމައާއި ސަވާބު ލިބޭނެ ކަމެކެވެ.

ވަކިން ޚާއްޞަކޮށް ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރަށް ވުމާއެކު، އެހެނިހެން މަސްމަހާ ޚިލާފަށް ރަމަޟާންމަހު ޤުރްއާން ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމުގައި މާތްނަބިއްޔާ ﷺ ވަނީ ޢަމަލީގޮތުން އުއްމަތަށް ނަމޫނާ ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން