ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އޭނާއަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ޙަސަން ޝިޔާމްގެ ކެންޑިޑެންސީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހ. ކްއީން، އިލްޔާސް އަހުމަދުއެވެ. އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޝިޔާމްގެ ސާބިތު ދަރަންޏެއް އޮތުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، ޙަސަން ޝިޔާމްގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަސަންގެ ކިބައިގައި ހަމަނުވާ ކަމަށާއި އެއީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ މީހެއް ކަމަށް ވާތީ ކަމަށެވެ.

"ހަސަން ޝިޔާމަކީ ސާބިތު ދަރަންޏެއް އޮވެ، ދަރަނި ދައްކަމުން ނުދާ މީހެއްކަން ސާބިތުވާތީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާ މީހެއް ކަމަށް ކަނޑައަޅަން ފެނެ އެވެ،" ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔުގައި ވެއެވެ.

ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައިވަނީ މީހަކު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

ޝިޔާމް ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކްރިސްޓަލް ލެގޫން ރިސޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނަކާއި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެެއް ވަނީ ދޫކޮށްފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުން، އެ ދަރަނި ދައްކައި ހަލާސްކުރަން ހުކުމްކޮށްފައެވެ. ނަމަވެސް އެފަރާތްތަކުން ލޯނު އަދާކޮށްފައި ނުވެއެވެ.

އަދި ރަހުނުކުރި ދެ ރިސޯޓު ވިއްކާލުމުން ލޯނަށް ގެރެންޓީ ދިން މީހުން އިތުރަށް އަދާކުރަންޖެހޭ ދަރަންޏެއް ނެތްކަމަށް އަމުރުކޮށްދިނުމަށް ޝިޔާމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ. އެ މައްސަލައިގައި ހައިކޯޓުން ދާދިފަހުންވެސް ހުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން