އަހުމަދު ޔާމިން   28 މާރިޗު 2024 - 10:28
ޗިކަން ދަމް ބިރިޔާނި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

500 ގްރާމް ކުކުޅު. މޭޒުމަތީ ސަމްސަލުގެ 2 ސަމްސާ އިނގުރު ލޮނުމެދު ޕޭސްޓު. 7 ފެހި މިރުސް (ތޮޅި މިރުސް). 1 ސައި ސަމްސާ ލޮނު. ލުނބޯ ހުތް ކޮޅެއް. 1 ސައި ސަމްސާ ތެޅި މިރުސް. ސައިސަމްލެއްގެ ދެބައިކުޅަ އެއްބައިގެ ގަރަމް މަސާލާ. 1 ސައިސަމްސާ ދިރި ޕައުޑަރ. ސައިސަމްލައެއްގެ ދެބައި ކުޅަ އެއްބައި ހުންނަ ވަރަށް ރީނދޫ.

އޭގެ އިތުރުން 150 ގްރާމް ޔޯގަޓް (ޕްލޭން). 400 ގްރާމް ތެލުލައިފައި ހުރި ފިޔާ. ކުޑަ ކާކުލަ ކޮޅެއް (އޮރެންޖު ކުލަ). މުށެއްވާހާ ކުދީނާ ފަތް. މުށެއްވާހާ ކޮރިއަންޑާ ފަތް. 2 ކަރަންފޫ. 2 ކާފޫރު ތޮޅި. ފޮނި ތޮށި ކޮޅެއް. 2 ތީޒު ފަތް. ދެތިން އަސޭމިރުސް. 1 ކަރު ކަނދު.

ބަތް ކެއްކުމަށް ބޭނުންވާ ތަކެތި:

50 ގްރާމް ބާސްމަތީ ހަނޑޫ (ބައި ގަޑިއިރު ފެންގައި ބެހެއްޓުމަށްފަހު). 1 ސައިސަމްސާ ގިތެޔޮ. 1 މޭޒު މަތީ ސަމްސާ ލޮނު. ލުނބޯ ހުތް ފޮދެއް. 2 ކަރަންފޫ. 2 ކާފޫރު ތޮޅި. ފޮނި ތޮށި ކޮޅެއް. 2 ތޭޒު ފަތް. 1 ކަރު ކަނދު. 4 ތޮޅި މިރުސް ( މާކުޅި ނޫން). ފެން.

ޗިކަން ދަމް ބިރިޔާނި ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު ހަންނޮޅައި ސާފުކޮށްލާށެވެ. އެއަށްފަހު ލޮނުމެދު އިނގުރު ޕޭސްޓު ކޮޅާއި ފެހި މިރުސް ކޮޅު އެއްކޮށް ފުނޑާލާށެވެ. އެއަށް ފަހު ލުނބޯ ހުތް، ލޮނު، ތެޅި މިރުސް، ގަރަމް މަސާލާ، ދިރި، ރީނދޫ، ޔޯގަޓް އަދި ތެލުލި ފިޔާ ކޮޅުގެ އެއްބައި އަޅާލާށެވެ.

އަދި ކުދީނާ ފަތާއި ކޮރިއަންޑާ ފަތުގެ ދެބައިކުޅަ އެއްބައި ކުކުޅު މަސް ކޮޅު ތެރެއަށް އަޅާލާށެވެ. ކަރަންފޫ ކާފޫރުތޮޅި އަދި ފޮނިތޮށި އަސޭމިރުސް އަދި ތީޒު ފަތާއި ކަރުކަނދު އަދި ކާކުލަ ވެސް އެއްކޮށްލާށެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލައި މެރިނޭޓް ކުރުމަށް އެއް ގަޑިއިރު ބަހައްޓާށެވެ.

ބިރިޔާނީ ހެދުމަށް ބޮޑު ތެއްޔެއްގައި ފެން ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން ގިތެޔޮ ކޮޅު އަޅާލާށެވެ. އަދި ލުނބޯ ހުތް، ލޮނު، ކަރަންފޫ، ކާފޫރުތޮޅި، ފޮނިތޮށި، ތޭޒު ފަތް، ކަރު ކަނދު އަދި ތޮޅި މިރުސް އަޅާލާށެވެ. މިރުސް މެދުން ފަޅާލުމުން ރަހަ މީރު ކޮށްދޭނެއެވެ.

ދެން ފެންގަނޑު ރަނގަޅަށް ކެކެން ފެށުމުން ހަނޑޫ ކޮޅު އަޅާލާށެވެ. އަދި ހަނޑޫ ކޮޅު އެއްކޮށް ނުކެކެނިސް އުނދުން ނިއްވާލާ ހަނޑޫ ކޮޅު ފުރާނާލާށެވެ.

އެއްގަޑިއިރު ހަމަވުމުން މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު ކޮޅު ތެއްޔަކަށް އަޅާލާ މަޑު ގިނީގައި ކައްކާލާށެވެ. ރަނގަޅަށް ކެކެން ފެށުމުން މަތި ޖަހާލައި 20 މިނިޓު ކައްކާލުމަށްފަހު ރަނގަޅަށް ކުކުޅު ރޯފިލުމުން، ބާކީ ހުރި ކޮރިއަންޑާ ފަތާއި ކުދީނާ ފަތް އަދި ތެލުލި ފިޔާ ކޮޅު އަޅާލާށެވެ.

އެންމެފަހު ކަމަކަށް ކައްކާފައި ހުރި ހަނޑޫ ކޮޅު އަޅާލާށެވެ. އޭގެ މައްޗަށް ކުޑަ ގިތެޔޮ ކޮޅަކާއި ގަރަމް މަސާލާ ކޮޅެއް އަޅާލާށެވެ. އަދި 5 މިނިޓު މަޑު ގިނީގައި ކައްކާލުމުން ޗިކަން ދަމް ބިރިޔާނި ތައްޔާރުކޮށް ނިމުނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން