މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ރަމަޟާން މަހުގައި އަޅުކަން ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، އެކަންކަމުގައި ގިނަ ވަގުތުތައް ހޭދަކުރެއްވިއެވެ.

ރަމަޟާން މަހަކީ ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، އެ ހުރިހާ ފާފަތަކުން ފުއްސެވުމުގެ މަގު ތަނަވަސްވެފައިވާ މަސްވަރެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީސް ބަސްފުޅުތަކުގައި ރަމަޟާން މަހު ތިމާގެ ހުރިހާ ފާފަތައް ފުއްސެވޭނޭ 3 ޢަމަލެއްގެ ވާހަކަ އައިސްފައިވެއެވެ.

އެގޮތުން ފުރަތަމަ ޢަމަލަކީ ރޯދަހިފުމެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.

"ރަމަޟާން މަހު އީމާންކަމާއެކު، ސަވާބަށް އުންމީދުކޮށްގެން ރޯދަ ހިފައިފި މީހާ، އެ މީހާގެ އިސްވެދިޔަ ފާފައެއް ފުއްސެވޭ ހުއްޓެވެ."

ދެވަނައީ ރޭއަޅުކަން ކުރުމެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.

"ރަމަޟާންމަހު އީމާންކަމާއެކު ސަވާބަށް އުންމީދުކޮށްގެން ރޭއަޅުކަން ކޮށްފި މީހާ، އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ"

ތިންވަނައީ ލައިލަތުލް ޤަދުރި ވިލޭރޭ އިޙްޔާކޮށް އަޅުކަންކުރުމެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.

"ލައިލަތުލް ޤަދުރި ވިލޭރޭ އީމާންކަމާއެކު، އަދި ސަވާބަށް އުންމީދުކޮށްގެން ހުރެ ރޭ އަޅުކަން ކޮށްފިނަމަ، އެމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭ ހުއްޓެވެ."

މާތްالله މި މައްސަރުގައި ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް މިންވަރު ކުރަށްވާށި! އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން